Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ގާޒީ ފަރުހާދާ ގުޅޭގޮތުން ފެތުރީ ސައްހަ ވާހަކައެއް ނޫން

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު-

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާ ގުޅޭގޮތުން ފެތުރި ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި މައްސަލައިގައި ޤާޟީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާގައި ޚަބަރުތަކެއް ދައުރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެންނާއި، އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމާ ގުޅިގެން، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން މި މައްސަލަ ބެލާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ. އަދި މައްސަލަ ބެލިބެލުމުން ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މި ޝަކުވާއަކީ ސައްހަ ޝަކުވާއެއް ކަމަށް ނުފެންނާތީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.

އަދި ސާބިތު ނުހިފޭ މިފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް ޖޭއެސްސީން އިލްތިމާސް ކޮށްފައިވެއެވެ.