މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމްކޮށްފިއެވެ.
ޕްރައިމަރީއާ ގުޅިގެން ތިން މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެތެރެެއިން ސިވިލް ކޯޓަށް ބަލައިގަނެފައިވަނީ އަލީ އަމުޖަދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި އެމްޑީޕީގެ ފަރާތުން ވަނީ އަމްޖަދަކީ އެ ޕާޓީގެ މެންބަރެއް ނޫންކަން ފާހަގަކޮށް އެ މައްސަލަ ސިވިލް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އަމްޖަދުގެ ވަކީލް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކޯޓުގައި ބުނެފައިވަނީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައިވެސް އޭނާގެ ނަން އޮތް ކަމަށެވެ.
އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތްނަމަވެސް އިލެކްޝަންސްގެ ދަފްތަރުގައި އޭނާ އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. މީގެއިތުރުންވެސް މިމައްސަލައިގައި ކޯޓުގެ އިހްތިސާސްއާ ގުޅޭގޮތުން ކަންކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދައުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ ޕާޓީން ވަކިކުރި 39،000 މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބާއްވައިދިނުމަަށެވެ. އަދި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމުގެ އަމުރެއް ނެރެދޭން ވެސް އެދިފައިވެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 24،566 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ.