Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޑްރަގް މައްސަލަ ހައްލުކުރަން އެންމެ ބޮޑު މަސައްކަތެއް ކުރީ މިސަރުކާރުން

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެެ.

މި ގަރާރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިސަރުކާރުން ނޫނީ އެއްވެސް ސަރުކާރަކުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ކަންކަންމަތީގައި ތިބޭ މީހުން މިހާރު ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫގައި މި ސަރުކާރުން ޑިޓޮކްސް ސެންޓަރެއް ގާއިމު ކޮށްފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އިތުރަށް ވެސް ރިހިބިލިޓޭޝަން ސެންޓަރުތައް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ޓެކްނިކަލް ސްޓާފުން ރާއްޖޭގައި އެކަށީގެންވާ ވަރަށް ނެތްކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މި ސަރުކާރުން ކަމަށެވެ. ހަސަން ލަތީފްގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރަށް ފާޑުކިޔުމަށް ކަމަށާއި މި ގަރާރު ހުށަހަޅާފައިވަނީ ހައްލެއް ހޯދުމުގެ މަގުސަދުގައި ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.