އަކްޝޭ ކުމާރު މީގެ 11 އަހަރު ކުރިން ކުޅުނު ކާމިޔާބު ފިލްމު "ރައުޑީ ރާތޯޑު" ގެ ދެވަނަ ބައި ސިދާތު މަލްއުތުރާއާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމު ހެދުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ޑައިރެކްޓްކުރަން ހުށަހަޅާފައި ވަނީ މިދިޔަ އަހަރު ސިދާތުގެ އަންހެނުން ކިއާރާ އަދުވާނީ އާއި ކާތިކް އާރިއަނާ އެކީ "ބޫލް ބުލައްޔާ 2" ގެނެސްދިން ޑައިރެކްޓަރު އަނީސް ބަޒްމީ ކަމަށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ރައުޑީ ރާތޯޑު 2" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ޕްލޭން ކުރަމުން އަންނަ އިރު، މީގެ ޝޫޓިން އެއްވާނެއްގައި ކުރިއަށް ގެންގޮސް ތިން މަސްތެރޭގައި ނިންމަން އަމާޒު ހިފާފައިވެ އެވެ.
ދެހާސް ބާރައިގައި ރިލީޒްކުރި "ރައުޑީ ރާތޯޑް" އަކީ "އާރްއާރްއާރް" އާއި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 2006 ގެ ތެލެގޫ ފިލްމު "ވިކްރަމަރްކުޑޫ" ގެ ރިމޭކެކެވެ. އޭގެ ސްކްރީންޕްލޭ ލިޔުނީ އޭނަގެ ބައްޕަ ކޭވީ ވިޖަޔެންދުރަޕްރަސާދެވެ.
އަކްޝޭގެ "ރައުޑީ ރާތޯޑް" ޑައިރެކްޓްކުރީ މަޝްހޫރު ނެށުންތެރިޔާ/އެކްޓަރު ޕްރަބޫދޭވާ އެވެ. ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލު ކުޅުނު ފިލްމު ޕްރޮޑިއުސްކުރީ ސަންޖޭ ލީލާ ބަންސާލީ ރޯނީ ސްކްރޫވާލާ އެވެ.
ސިދާތާ އެކީ އަނީސް "ރައުޑީ ރާތޯޑް 2" ހަދަން އުޅޭ ވާހަކަ ދެކެވެން ފެށި އިރު، ޝާހިދު ކަޕޫރްގެ އިތުރުން ވަރޫން ދަވަނާ އެކީ ވެސް އަނީސް ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އަދި އޭނަގެ "ބޫލް ބުލައްޔާ 3" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ.