ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.
ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 40.57 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 482 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުން ހިމެނެއެވެ. އަދި 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 16 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1,847.11 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 291 މީޓަރުގެ ސަރަޙައްދެއްގައި ކަރބަ ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 16.96 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން، 7,800 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.