Last Updated: June 12, 22:07
Friday, June 12, 2026
މުނިފޫހިފިލުވުން

ކަރަން އާއި އަނޫރާގްގެ ފިލްމްގައި ސިދާތު އާއި ޕަރިނީތީ

ކަރަން ޖޯހަރު އާއި އަނޫރާގް ކެޝަޕް ފޭންޓަމް ފިލްމްސް އާ ގުޅިގެން ގެނެސް ދޭން ހަމަޖެހިފައިވާ ފިލްމްގެ ލީޑް ރޯލަށް ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާ ހަމަޖައްސައިފިި އެވެ.

ކަރަން މިއަދު ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެކަން ކަށަވަރު ވެސް ކޮށްދީފަ އެވެ. ކަރަންގެ ޓްވީޓްގައި ބުނެފައި ވަނީ އޭނާގެ ދަރްމާ ޕްރޮޑަކްޝަން އާއި ފޭންޓަމް ގުޅިގެން ގެނެސްދޭ ފިލްމްގެ ތަރިންނަކީ ސިދާތު އާއި ޕަރިނީތީ ކަމަށް ވަރަށް އުފަލާ އެކު އެނައުންސް ކުރާ ކަމަށެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ވިނިލް މެތިއު އެވެ. ފިލްމްގެ ނަން ވެސް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް ކަރަން ބުންޏެވެ.

ސިދާތުއަކީ މިދިޔަ އަހަރު ކަރަން ޑައިރެކްޓް ކުރި "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ބޮލީވުޑަށް ތައާރަފްވި އުންމީދީ ޒުވާން އެކްޓަރެކެވެ. އަދި މިއީ އޭނާގެ ދެވަނަ ފިލްމްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ޕްރިޔަންކާ ޗޯޕްޅާގެ ކަޒިން ޕަރިނީތީ ވަނީ މިހާތަނަށް ދެ ފިލްމަކުން ފެނިފަ އެވެ. އެއީ ރަންވީރް ސިންގް އާ އެކު "ލޭޑީޒް ވާސަސް ރިކީ ބަލް" އިންނާއި އަރުޖުން ކަޕޫރާ އެކު "އިޝަގްޒާދޭ" އިންނެވެ.