ފޯނު ކޯލަކުން ބޮލީވުޑްގެ ތަރި ސަލްމާން ޚާން މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރި ކޯލު ޓްރެކްކޮށް، އެ ކުއްޖާ އިއްޔެ އަތުލައިގެންފައި ވަނީ ރާޖަސްތާނުގެ ޖޯދުޕޫރުހެ ތާނޭ ޑިސްޓްރިކްޓުންނެވެ. އަދި އެތަނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި އެ ކުއްޖާ ހުރި އިރު، އިތުރު ތަހުގީގަށް މިއަދުގެ ވަގުތެއްގައި މުމްބާއީ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރާނެ އެވެ.
ސަލްމާނަށް މި ފަހުން ތަކުރާރުކޮށް އެކި ގޮތްގޮތުން މަރުގެ އިންޒާރު ލިބެމުންދާ އިރު، މިދިޔަ މަހުގެ ތެރޭގައި ވެސް މެއިލް މެދުވެރިކޮށް އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އިއްޔެ ސަލްމާނަށް މަރުގެ އިންޒާރު ދީގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކުރި އިރު، މިއަދު ފުލުހުންނަށް ވެސް ކޯލަކުން ސަލްމާން މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެ މައްސަލާގައި މުމްބާއީ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޯކީ ބާއީ ކިޔާ މީހެކެވެ. އޭނަ ބުނެފައި ވަނީ މި މަހުގެ 30 ގައި ސަލްމާން މަރައިލާނެ ކަމަށެވެ.
ސަލްމާނަށް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ތަކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދާތީ އަމިއްލަ ހަށި ރައްކަލަކަށް އޭނަ އަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ ވެސް ދީފައިވެ އެެވެ. އަދި ސަލްމާން ވަނީ ބުލެޓް ޕްރޫގް ވަރަށް އަގުބޮޑު ކާރެއް ވެސް ގަނެފަ އެވެ.
ސަލްމާން މިހާރު އަންނަނީ ފިތުރު އީދު ދުވަސް ކަމަށްވާ މި މަހުގެ 21 ގައި އޭނަގެ އާ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ޕްރޮމޯޓްކުރަމުންނެވެ.