ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކް 3-0 އިން ބަލިކޮށް މުބާރާތުގެ ސެމީފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ނަތީޖާތަކާ އެކު ސެމީ އަށް ދިޔުމަށް ސިޓީ އަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ސެމީ އަށް ދެވޭނެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. ރޮޑްރީ މި ގޯލު ކާމިޔާބު ކުރީ ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ސިޓީގެ ގުންޑޮގާން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަޔާންގެ ގޯލްކީޕަރު ޔާން ސޮމާ އެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. ބަޔާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ސިލްވާ މި ގޯލު ކާމިޔާބު ކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ހަ މިނެޓް ފަހުން ޖޯން ސްޓޯންސް ބޮލުން ޕާހަކުން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑެވެ.
މި ދެ ގޯލަށް ފަހު ވެސް ދެވަނަ ހާފްގައި ސިޓީން ވަނީ ބަޔާންގެ ގޯލަށް އިތުރު ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ރޮޑްރީ ބޮލުން ފޮނުވާލި ހަމަލާ ބަޔާންގެ ކީޕަރު ދިފާއުކުރިއިރު ސިޓީގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އިންޓަ މިލާނުން ވަނީ ބެންފީކާ 2-0 އިން ބަލިކޮށްފަ އެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ބަރެއްލާ އާއި ރޮމެލޫ ލުކާކޫ އެވެ.