Last Updated: June 8, 09:48
Monday, June 8, 2026
ވިޔަފާރި

ރަޝިއާ އިން އިރާނަށް ތެޔޮ ފޯރުކޮށް ދެނީ

ރަޝިއާއިން އިރާނަށް ރޭލުގެ ޒަރީއްޔާއިން ތެޔޮ ފޮނުވަނީ ---

ރަޝިއާއި އިރާނަށް ރޭލުގެ ޒަރީއްޔާއިން ތެލުގެ ބާވައްތަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

ރޮއިޓާސްއިން މިކަން ހާމަކޮށް ބުނެފައިވަނީ ރަޝީއާއި އިރާންގެ ގުޅުން ރަނގަޅުވެ، އިޤްތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރަމުންދަނީ ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން 3 މަސްދަރަކާއި އަދި އެކްސްޕޯޓް ޑޭޓާ އާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ މިއީ މިގޮތަށް ތެލުގެ ބާވައްތަކުގެ ވިޔަފާރި މި ދެޤައުމު ދެމެދުގައި ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

ރަޝިއާއި ޔޫކްރެއިންއަށް އަރައިގަނެ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރަޝީއާގެ ވިޔަފާރި ހުއްޓުވުމަށް ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފައެވެ. މިގޮތުން ރަޝިއާގެ ތެލަށް ޔޫރަޕް ބަރޯސާވުން ދައްކުރުމުން އެ ރަޝިއާގެ ތެލުގެ ވިޔަފާރިއަށް މިކަމުގެ އަސަރު ކޮށްފައިވެއެވެ.

މިދިޔަ ޚަރީފް މޫސުމުގައި ރަޝިއާއިން މި މަސައްކަތް ފަށާނެ ކަމަށް އިއުލާން ކުރިނަމަވެސް ތެލުގެ ބާވައްތައް ފޯރުކޮށްދޭން ފެށިފައިވަނީ މިއަހަރު ކަމަށް ރޮއިޓާސްގެ މަސްދަރުތަކުން ޔަޤީން ކޮށްދެއެވެ. އެގޮތުން ފެބްރުއަރީ އަދި މާރިޗު މަހު 30،000 ޓަނުގެ ގޭހާއި ޑީސެލް އީރާނަށް ފޯރުކޮށްދީފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

މި ދަތުރު ކޮށްފައިވަނީ ރަޝިއާއިން ކަޒަކިސްތާން އާއި ތުރުކެމެނިސްތާން ހުރަސްކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ފާހަގަކުރެއެވެ. މިގޮތަށް ރަޝިއާ ކުންފުނިތަކުން ރޭލުގެ ބޭނުން ކުރަނީ ޖީ-7 ގެ ޤައުމުތަކުން ކަނޑުގެ މަގުން ފޮނުވުމަށް ޓެރިފް ރޭޓް މަތިކޮށްފައިވުމުން ޙަރަދު ބޮޑުވާތީ ކަމަށް ރޮއިޓާސްއިން ބުނެއެވެ. އަދި މިއަހަރު މިގޮތަށް ފޮނުވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އިރާން އަކީ އެ ޤައުމު އަމިއްލައަށްވެސް ތެޔޮ އުފައްދާ ޤައުމަކަށްވިއަސް، އެ ޤައުމުގެ އުފެއްދުންތެރިކަމަށް ވުރެ ކުރިއަށް ޑިމާންޑް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.