މި އަހަރު ބޮލީވުޑަށް ތައާރަފުކުރަން ނިންމާފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން މަޝްހޫރު މޭކަޕް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
އުމުރުން 22 އަހަރުގެ ސުހާނާގެ ފުތަރަމަ އިންޓަނޭޝަނަލް އެންޑޯޒްމަންޓަކީ އެމެރިކާގެ މަގުބޫލު މޭކަޕް ބްރޭންޑް، "މެބެލިން" އެވެ. އޭގެ ބްރޭންޑް އެމްބެސެޑަރަކަށް ސުހާނާ ހަމަޖައްސައި އެކަން އިއްޔެ ނިއު ޔޯކް ބޭއްވި ހާއްސަ ހަފުލާއެއްގައި ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އެ ހަފުލާގައި ސުހާނާ ބައިވެރިވި އެވެ. އަދި މި ފުރުސަތުގެ ވާހަކަ އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ސުހާނާ ބޮލީވުޑަށް ތައާރަފުވާނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއާ ގުޅިގެން ހެދި "ދި އާޗީސް" އިންނެވެ. ޝޫޓިން ނިންމާފައި އޮތް އެ ފިލްމުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ބޮލީވުޑަށް ތައާރަފުވާނެ އެވެ.
ސުހާނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ.