Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނުހޯދުނު: އަމްރު

ވެރިކަމުގެ ދައުރު ހަމަވާން ގާތްވާ އިރު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިޔުންގެ ތާއީދެއް ނެތް ކަމަށާއި ތާއީދު ހޯދަން މަސައްކަތް ކުރެވިފައި ނެތް ކަމަށް ވެސް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު މަގާމުން ވަކިކުރި އަދި ރައީސް ސޯލިހާ ދެކޮޅަށް ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި އަމްރު ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ސަރުކާރުން ކަންތައް ކުރީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި ވަކި ސިޔާސަތެއް، އަމާޒެއް ނެތި ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، މަސް ގަންނަ އަގު ދަށްކުރަން ޖެހުމުން ފޫނުބެއްދޭ ބޮޑެތި ގެއްލުން ވެގެންދިޔަ ކަމަށާއި އެއީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ޕްރޮޖެކްޓުތައް ހިނގާ ނުހިނގާ ގޮތް ނުބަލާ ދޫކޮށްލުމުގެ ނަތީޖާ ކަމަށް އަމްރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި، ނުރަނގަޅު ކަންކަން ރަނގަޅުކުރުމަށް ބައްދަލުވުންތަކުގަ އާއި މެސެޖުން، އަދި ސިޓީން ވެސް ލަފާ އަރުވާފައި ވާނެ އެވެ. އަދި ސަރުކާރުން ދޫކޮށްލާ ސިޔާސަތުތައް އެސްޓީއޯ އިން ގެންގުޅެފައި ވާނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވޮ ގޮތުގައި މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންގެ ތާއީދެއް ހޯދިފައެއް ނުވެ އެވެ. އަދި
ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮވެ ފަސް އަހަރުގެ ދައުރެއް ނިމޭއިރު ކޯލިޝަނަކާ ނުލާ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ބައި އިލެކްޝަންތަގައި މުޅި ސަރުކާރުގެ ބަޖެޓް ހުސްވާ ވަރަށް ހަރަދުކޮށް މަތިމައްޗަށް އެ ދާއިރާއަކަށް ޕްރޮޖެކްޓުތައް ހިންގަން ފެށުމާއި ރަށު އެންމެނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދޭން ޖެހުމުން ވެސް ތާއީދު ނެތްކަން ހާމަވާ ކަމަށެވެ.

އެހެންވެ އެމްޑީޕީއަށް ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް އެ ޕާޓީއަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ވަފާތެރި އެތައް ބަޔަކު ޕާޓީއާ ދުރަށް ޖެހުނީ ޕާޓީގެ ސިޔާސަތުތައް އޮޅިގެން ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ނުހަނު އިހުލާސްތެރިކަމާއި ހެޔޮ ނިޔަތުގައި މަސައްކަތް ކުރީ އެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރުމަށެވެ. އަދި އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ގެންނަން ކުރި މަސައްކަތަށް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުލިބުމުން." އަމްރު ވިދާޅުވި އެވެ. "އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެހެންކަމުން އެމްޑީޕީން ދެކޭ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން."