އަންނަ މަހުގެ ތެރޭގައި ރާއްޖެ އަށް ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑަަޅާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭޑޭއާ އެކީ ލިބޭ ފަސް ދުވަހުގެ ޗުއްޓީ އަށް ޗައިނާ ޓޫރިސްޓުންގެ އެންމެ މަގުބޫލު މަންޒިލަކަށް ވާނީ ރާއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ޗައިނާ އަކީ މިހާރު ރާއްޖެ އަށް 8 ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
މޭ 1 ގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޗައިނާގައި އޭޕްރިލް 29 އިން މޭ މަހުގެ 3 އާ ހަމައަށް 5 ދުވަހުގެ ޗުއްޓީއެއް ދެ އެވެ.
I believe that Maldives will be one of the most favoured destinations for Chinese tourists for the coming 5-day May Day holiday. https://t.co/rb3HyRC0Nv
— Ambassador Wang Lixin (@China_Amb_Mdv) April 11, 2023
ކޮވިޑްގެ ކުރިން އެ ގައުމަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. ކޮވިޑާ އެކީ ޗައިނާގެ ޓޫރިސްޓުން ރާއްޖެ އައުން ބަންދުވެފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ފަހުން، އެ ގައުމުގެ ޓޫރިސްޓުން އަލުން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 އިން ފެށިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 5 އާ ހަމައަށް ރާއްޖެ އަށް ޗައިނާގެ 19،748 ޓޫރިސްޓުން އައިސްފައިވެ އެެވެ.