މަޝްހޫރު ބަތަލާ ޖެނިފާ ލޮޕޭޒްގެ އާ ފިލްމު "ދަ މަދާ" އަންނަ މަހުގެ 12 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި އޭގެ ޕޯސްޓަރުތަކަކާއި ޓްރެއިލާއެއް ދައްކާލައިފި އެވެ.
މި ފިލްމަކީ ނިކީ ކާރޯ ޑައިރެޓްކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ. "ދަ މަދާ" ގެ ކާސްޓްގައި ޖޯސެފް ފިއެނެސް، އޮމާރީ ހާޑްވިކް، ޕޯލް ރާޝީ، ޖެސީ ގާޝިއާ އަދި ގައެލް ގާޝިއާ ބާނަލް ހިމެނެ އެވެ. މި ފިލްމުގައި ދައްކުވައި ދޭނީ އަންހެން ދަރިއެއްގެ ހިމާޔަތަށް ހިތްވަރު ދައްކާ މައެއްގެ ވާހަކަ އެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މިހާރު ހޮލީވުޑްގެ ތަރި ބެން އެފްލެކާ ކައިވެނިކޮށްގެން އުޅޭ ލޮޕޭޒް، 53، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖެނުއަރީ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝޮޓްގަން ވެޑިން" އިންނެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސައިންސް ފިކްޝަން ތުރިލާ "އެޓްލަސް" ހިމެނެ އެވެ.