Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ދައުވާ އަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމެއް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރި ދައުވާއަކީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަނީ މަހުލޫފަށް ކޮށްފައިވާ ދައުވާއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މެންބަރު ހުސައިންއާއި އޭނާއަކީ އޭރު އެކުގައި ޕީޕީއެމްގައި މަސައްކަތް ކުރި ބައެއް ކަމަށާއި، އެކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އޭނާއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔަކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި އޭނާއަށް އަންގާފައިނުވާ ކަމަށާއި އެކަން އެނގުނީ ޚަބަރުތަކުން ފެނުމުން ކަމަށެވެ.

"[ދައުވާތައް] ގެންގޮށްސިއްޔާ ވަރަށް ރަނގަޅު. ހަމަ ކަނޑައެޅިގެން ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން ކުރި ކަމެއް." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ. މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރަމުން ޕީޖީން ބުނެފައިވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން 33،000 ޑޮލަރު މަހުލޫފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.