Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަނާ މައްސަލައެއް ނެތް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްޕޯޓްސް ކޯޕަރޭޝަންގައި ތިއްބެވި ބޭފުޅުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ކުޅިވަރާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ހުށަހަޅާފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސްތާކުން ސްޕޯޓްސް ކުންފުންޏެއް އޮންނަތަން ނުފެންނަކަމަށެވެ.

އެ ބިލަށް ވާހަކަ ދައްކަމުން ބައެއް މެންބަރުން ސްޕޯޓްސް ކޯޕަރޭޝަން އުވާލަނީ ސިޔާސީ ކަމަކާ ހެދިކަމަށް ދޭހަވާ މޭރުމުން ވާހަކަދެއްކެވިކަން ފާހަގަކުރައްވާ މަހުލޫފް ވަނީ އެފަދަ ކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑުމެންނާ ސްޕޯޓްސް ކޯޕަރޭޝަންގަ ތިއްބެވި ބޭފުޅުންނާ އެއްވެސް މައްސަލައެއް އޮތީއެއް ނޫން. ސިޔާސީ ހިޔާލުތަފާތުވުމެއް އެކަހަލަ އެއްވެސް ކަމެއް ނޫން." މަހުލޫފް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސްޕޯޓްސް ކޯޕަރޭޝަން އަދި ސްޕޯޓްސް ޓީވީ އުވާލުމަށް އިސްލާހު ހުށަހަޅާފައެވެ. ސްޕޯޓްސް ކޯޕަރޭޝަން އުވާލާތީ ބައެއް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއިރު، ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނެފައިވަނީ އެކަމަކީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މީގެކުރިންވެސް 2021 ވަނަ އަހަރުވެސް ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުން ކުރާ ކަމަކީ އެކި މުނާސަބަތުތަކާ ގުޅިގެން ޓްވީޓް ކުރުން އެކަނި ކަމަށާއި، އެ ކުންފުންޏަކީ ވަގުތުން އުވާލަންޖެހޭ ކުންފުންޏެއްކަމަށެވެ.