Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ޕްރޮޖެކްޓްތަކަށް އެކަށީގެންވާ ބަޖެޓް ނެތުމުން ކަންބޮޑުވުން

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕްރޮޖެކްޓްތަކަށް އެކަށީގެންވާ އަދަދެއް ބަޖެޓްކޮށްފައި ނުހުންނާތީ އެކަމުގެ ކަންބޮޑުވުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ އެދާއިރާގެ ފޮއްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށް ބަޖެޓް ކޮށްފައިވާކަން ފާހަގަކޮށް އެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށޭވަރުވާނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ބަޖެޓް ފާސްކުރަނީ މަޖިލިސް މެންބަރުންކަމަށާއި ބަޖެޓް ފާސްކުރާއިރު ޔޫތް މިނިސްޓްރީގެ ބައިވަރު ޕްރޮޖެކްޓްތައް ހިމަނާފައި ހުންނަކަމަށެވެ.

"އެކަމަކު އެއިން ކޮންމެ ޕްރޮޖެކްޓެއްގައި ޖަހާފަ އޮންނަ އަދަދު، އެއީކީ އެއިން މަސައްކަތެއް ނިންމޭނެ އަދަދެއް ނޫން. މިއީ ހަގީގަތް." މަހުލޫފް ވިދާޅުވިއެވެ.

އެވާހަކައިގެ ތެރެއިން މިސާލެއްގެ ގޮތުން ވާހަކަ ދައްކަމުން މަހުލޫފް ވިދާޅުވީ ބަޖެޓްގައި ކަމެއް ހިމެނުމަށްފަހު އެކަމެއް ކުރުމަށް ޖަހާފައި ހުންނަނީ ދެ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ މަސައްކަތް ބަޔަކާ ހަވާލުކުރާ ހިސާބުން އެވްރެޖުކޮށް 1.5 މިލިއަން ރުފިޔާވަރު ހަރަދުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހަމަޖައްސަންޖެހެނީ ބަޖެޓްގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ޓްރާންސްފާ ކޮށްގެން ކަމަށާއި އެކަން ކުރަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަމަށެވެ.

އެހެންނަމަވެސް ހިތްހަމަޖެހެނީ، ބަޖެޓްގައި އިންނަ އަދަދު ކުޑަވެގެންކަމަށް ބުނެ އެއްވެސް ކަމެއް ހުއްޓާނުލާ އެ މަސައްކަތް ކޮންމެވެސް ހިސާބަކުން ހަވާލުކޮށްގެން ކުރިއަށް ގެންދެވޭތީ ކަމަށް މަހުލޫފް ވިދާޅުވިއެވެ.