Last Updated: May 3, 18:40
Saturday, May 3, 2025
ވިޔަފާރި

ޓްވިޓާގެ އާމްދަނީން ދެކޮޅު ޖެހެން ފެށީ އަދި ކިރިޔާ

ޓްވިޓަރ ކުންފުނީގެ ސީއީއޯ އެލަން މަސްކް / ފޮޓޯ: ޖޭމްސް ޑަންކަން

ޓްވިޓާގެ ކުންފުނީގެ އާމްދަނީން ޚަރަދުކަނޑައި ދެކޮޅުޖެހެން އަދި ފެށީ އަދި ކިރިޔާ ކަމަށް ކުންފުނީގެ ވެރިޔާ އެލަން މަސްކް ބުނެފިއެވެ.

ޓްވިޓާ ސްޕޭސްގައި ބީބީސީއަށް ދިން ބަސްތީގަތުމެއްގައި މަސްކް ވިދާޅުވީ، އެކުންފުނީގެ ޚަރަދުތައް ފޫބެއްދުމަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުންފުނިއާއި އޭނާ ހަވާލުވިއިރު ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުންފުނި ދޫކޮށް ދިޔަ އިޝްތިހާރު ކުރާ ފަރާތްތައްވެސް އަނބުރާ އައިސްފައިވާ ކަމަށް އޭނާ ބުނެއެވެ.

މަސްކް އެކުންފުންޏާއި ހަވާލުވިއިރު، އެކުންފުނީގައި 8000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށްވެއެވެ. ނަމަވެސް ކުންފުނީގެ ޚަރަދު ބޮޑުވެފައިވާ ކަމަށް ބުނެ އެކުންފުނިން ގިނަ އަަދެއްގެ މުވައްޒަފުން ދޫކޮށްލާފައިވާއިރު، މިހާރު ތިބީ ގާތްގަނޑަކަށް 1500 އެއް ހައި މުވައްޒަފުން ކަމަށް މަސްކް ވަނީ ބުނެފައެވެ.

އެނާ ބުނިގޮތުގައި ކުންފުންޏާއި ހަވާލުވިއިރު، ކުންފުނީގެ ކޭޝްފްލޯ އިނީ 3 ބިލިއަނުން ގެއްލުމުގައެވެ. ނަމަވެސް ގެނައި ބަދަލުތަކާއި އެކު މި ކުއާޓާގައި ކުންފުންޏަށް ފައިދާވާން ފަށާނެ ކަމަށް ޤަބޫލު ކުރެވޭކަމަށް މަސްކް ބުންޏެވެ.

ޓްވިޓާއާ މަސްކް ހަވާލުވި ފަހުން، ފަހަކަށް އައިސް ގިނަ މައްސަލަތައް ދަނީ ފެންނަމުންނެވެ. އެގޮތުން އެންމެ ފަހުންވެސް ޓްވިޓަރ ތެރެއިން ލިންކްތަކަށް ނުދެވި ގިނަ ފަރާތްތަކަށް މައްސަލަ ދިމާވިއެވެ. މަސްކް މިކަންކަމާއި ގުޅިގެން ބުނީ، ޓްވިޓަރ ދެތެރެއަކުން މައްސަލަ ދިމާވިއަސް ގިނަ ވަގުތު ޑައުންވެފައި ނުހުންނަ ކަމަށެވެ.

ޓެސްލާ އަދި ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އެލަން މަސްކް ޓްވިޓާ ކުންފުނި ހިނގަން ގިނަ ވަގުތު ހޭދަކުރާ ކަމަށް ބުނެ ޓެސްލާގެ އިންވެސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ކުންފުންޏަށް މިއަހަރު ފަހުކޮޅު ސީއީއޯއެއް ހަމަޖެއްސުން ރަނގަޅު ވަގުތެއް ގޮތުގައި ދެކޭ ކަމަށް ބުނެފައެވެ.

ނަމަވެސް އަދި މިހާތަނަށް ސީއީއޯކަން ހަވާލުކުރާނެ މީހެއް ވިސްނާފައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއެވެ.