Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ނޫސްވެރިންނަށް އިންޒާރުދޭތީ ތަހުޤީގު ކުރަން ގޮވާލައިފި

އެޗްއާރްސީއެމް - ފޮޓޯ: ރާއްޖެއެމްވީ

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންކަން އާންމުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން އިލްތިމާސްކޮށްފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު ދައުރު ނޫހުގައި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ކުންފުންޏާއި ހިލްޓަންގެ އާއި ދެމެދު ހިނގަމުންދާ މައްސަލައާއި ގުޅިގެން ޝާއިއު ކުރެވުނު ހަބަރާއި ގުޅިގެން ނޫސްވެރިޔާ އަދި އެޑިޓަރަކަށް އިންޒާރު ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިމައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެޗްއާރްސީއެމްއިން ވެސް މިވަނީ މައްސަލާއި ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ފަހިކޮށްދީފައިވާ ހައްޤުތަކެއް ކަން ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަށް ފިކުރު ކުރުމާއި ހިޔާލު ދުލާއި ޤަލަމުން ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ފާހަގަ ކުރިއެވެ.

މީގެ އިތުރުން ކޮމިޝަނުން ބުނީ ނޫސްވެރިންނަކީ މުޖްތަމައުގައި ހިނގާކަންކަން އާންމުންނާއި ހިސާބަށް ގެނެސްދޭން ތިބި ބަޔަކަށް ވާހިނދު ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ނޫސްވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ނުރައްކަލެއް ފޯރާނެ ފަދަ މައްސަލަތައް ސީރިއެސް މައްސަލައެއް ގޮތުގައި ބަލައި، ވީހާވެސް އަވަހަށް ފުރިހަމަ ތަހުޤީގެ ކުރުމަށް ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމްއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަކަންކަން އާންމުން ނުކުރުމަށް އެދި އިލްތިމާސްކޮށްފައެވެ. ނޫސްވެރިންނަށް ކަރާމާތްތެރިކަމާއި އެކު ދިރިއުޅުމުގެ ހައްޤު ކަަށަވަރުކޮށްދިނުމަށް އެއްމަހައި މުޢައްސަސާތަކާއި ފަރާތްތަކަށްވެސް އެކޮމިޝަނުން ވަނީ އިސްތިމާސްކޮށްފައެވެ.