މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ މުސްލިމް ބިދޭސީ މަސައްކަތްތެރިންނަށް ރޯއްދަވީއްލުން ދިނުމަށް މިޝަން ފޯރ މައިގްރެންޓް ވޯކާސްއަށް އެމް-ފައިސާ މެދުވެރިކޮށް އެހީ ވެވޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސައިފިއެވެ.
މިމަސައްކަތުގެ ދަށުން އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެމް-ފައިސާއިން ރޯއްދަ ވީއްލުން ޕެކޭޖެއް ހަދިޔާ ކުރެވޭނެއެވެ. ކޮންމެ ޕެކޭޖެއްގެ އަގަކީ 50 ރުފިޔާއެވެ. މިގޮތުން އެޕްލިކޭޝަނަށް ގޮސް، ޑޮނޭޓް އިފްތާރަށް ދިއުމުން، ހަދިޔާ ކުރަން ބޭނުންވާ ޕެކޭޖް ތަކުގެ އަދަދު ޚިޔާރުކުރެވޭނެއެވެ. އެއަށް ފަހު އެމްފައިސާ މެދުވެރިކޮށް ހަދިޔާ ކުރުމަށް ކުރިއަށް ގެންދެވޭނެއެވެ.
އުރީދޫއިން މައުލޫމާތު ދިން ގޮތުގައި، ރޯދަ މަހަކީ ދިނުމުގެ މަސް ކަމަށްވާއިރު އެކުންފުނީގެ އަމާޒަކީ އެކުންފުނީގެ ކަސްޓަމަރުންނަށް، ބިދޭސީ މަސައްކަތެރިންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީއެއް ވެދޭވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިޝަން ފޯރ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމީއްޔާއެކެވެ. އެ ޖަމީއްޔާއިން ދަނީ މާލެ ސަރަހައްދުގައި ބިދޭސީންނަށް ރޯދަ ވީއްލުން ކޮންމެ ދުވަހަކުވެސް ފޯރުކޮށްދެމުންނެވެ.