ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް މި އަހަރު އެމެރިކާގެ މެޓް ގާލާގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޭނަގެ ފުރަތަމަ ހޮލީވުޑްގެ ފިލްމު މި އަހަރުގެ އޮގަސްޓް 11 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ އިރު، ހޮލީވުޑްގައި ބާއްވާ އެންމެ ކުލަގަދަ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މެޓް ގާލާގެ މި އަހަރުގެ އިވެންޓް ވާނީ އޭގައި އާލިއާ ބައިވެރިވާ ފުރަތަމަ ފަހަރަށެވެ. އޭނައާ އެކީ މި އަހަރުގެ އިވެންޓްގައި "ހާޓް އޮފް ސްޓޯން" ގެ ޓީމް ވެސް ބައިވެރިވާނެ އެވެ.
ޓޮމް ހާޕާ ޑައިރެކްޓްކޮށްފައިވާ އެ ސްޕައި އެކްޝަން ތުރިލާގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ގަލް ގެޑޯ އާއި ޖެމީ ޑޯނަން ވެސް ހިމެނެ އެވެ. މެޓް ގާލާގައި "ހާޓް އޮފް ސްޓޯން" ގެ ޓީމް ފިލްމު ޕްރޮމޯޓްކުރާނެ އެވެ.
ފެޝަނުގެ ދުނިޔޭގެ އެތައް ފަރުމާއެއް ވެސް ފެނިގެންދާނެ މެޓް ގާލާ ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 އެވެ. މި ފަހަރު އިވެންޓްގެ ތީމަކީ 2019 ގައި މަރުވި ޖަރުމަންގެ ފެޝަން ޑިޒައިނަރު ގާލް ލެގަފީލްޑާ ގުޅުވައިގެން "ކާލް ލެގަފީލްޑް: އަ ލައިން އޮފް ބިއުޓީ" އެވެ.
މީޑިއާތަކުން ބުނީ މެޓް ގާލާގެ ރެޑް ކާޕެޓްގައި އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން، އާލިއާ ބޭނުން ކުރާނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ޕްރަބަލް ގުރުންގެ ފަރުމާއެކެވެ.