އައްޑޫގެ މަގުތައް ހެދުމުގެ އިތުރަށް ތިލަމާލެ ބްރެޖް ހެދުން ފަދަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާންސްޓްރަކްޗާ ވިއްކައިލަން ނިންމައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނި ވިއްކައިލަނީ އޭގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެފައިވާތީ އެވެ. އެގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކައިލުމުގެ މަޝްވަރާތައް މިހާރު ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އާއި ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
އެފްކޮންސްއާ އެކީ އެސްޕީގެ ސަބްސިޑަރީ ކުންފުނިތަކުގެ އަދަދު 14 އަށް އަރަ އެވެ. އެ ކުންފުންޏަކީ މީގެ 158 އަހަރު ކުރިން 1865 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެފްކޮންސް އުފެއްދީ 1959 ގަ އެވެ. އެސްޕީގެ ވެރިއަކީ މަހުޖަނު ޝާޕޫރް މިސްޓްރީ އެވެ.
އެފްކޮންސް އިން ރާއްޖޭގައި ހިންގަމުން އންނަ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެގޮތުން އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓަށް 1.1 ބިލިއަން ރުފިޔާ ހޭދަވާ އިރު، ތިލަމާލެ ބްރިޖަށް 8.2 ބިލިއަން ރުފިޔާ އަރަ އެވެ.