Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ދަނޑުތައް އަޅާލެއް ގިނަކަމުން ފީފާގެ ރައީސް ވެސް ކޮސްވޭ

ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނާތީ ދުނިޔޭގެ ފުޓްބޯޅައި މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުރީ ކޮސްވެފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހުލޫފަށް މެންބަރުންތަކެއް ކުރެއްވި ސުވާލުތަކުގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި 50 ވަނަ ފުޓްބޯޅަ ދަނޑު ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"[އިންފަންޓީނޯ ފީފާގެ ރައީސް] އާ ދިމާވެގެން ފުޓްބޯޅަ ދަނޑު އަޅާ ވާހަކަ ބުނީމަ ހުރީ ކޮސްވެފައި. އެހެންނު ވާނީ ކުޑަކުޑަ ގައުމެއްގައި އަޅުގަނޑުމެން ގޮސް 300 މީހުންނަށް ވެސް އަޅައި ދޭން ދަނޑު،" މަހުލޫފު ވިދާޅުވި އެވެ. "އެހެންވީމާ އުސޫލެއްގެ ގޮތުން ސަރުކާރުގެ ތެރެއިން ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑުމެންގެ އެންމެ ޓޮޕް ލީގު ތެރޭގައި ދިމާވެގެން އުޅޭ މައްސަލައެއްގެ ވާހަކަ ކަންބޮޑުވުންތަކެއްގެ ގޮތުގައި ހަގީގަތުގައި މި އަންނަނީ. އެކަމަކު ވެސް އެކި ގޮތްގޮތުން މިނިސްޓްރީއަށް ދެވޭ ހުރިހާ އެއްބާރުލުމެއް އަބަދުވެސް އެފްއޭއެމަށް މި ދަނީ ދެމުން."

އޭނަ ވިދާޅުވީ މާލޭގައި ހުރި ބައެއް ބިންތަކުގައި ފުޓްސަލް ދަނޑު ހަދަން ވެސް ނަގަން ނިންމާފައިވާ ކަމަށެެވެ. އަދި ފުޓްސަލް ދަނޑުތައް އަޅާލެއް ގިނަ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅާ ފުޓްސެލް ދަނޑަކީ އެއްވެސް ފައިދާއެއް ތަނެއްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ވަރަށް ގޯސް ވިސްނުމެއް،" މަހުލޫފު ވިދާޅުވި އެވެ. "ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ނަމަ، އަޅުގަނޑުމެން އާސަންދައަށް ކުރާ ހަރަދުވެސް ކުޑަވެެގެން ދާނެ."

މިނިސްޓަރު ވިދާޅުވި ގޮތުގައި މަހްލޫފު ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވާނެ އެވެ.