Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ވީއައިއޭ އަށް 57 އަހަރު: ކުރިއެރުން، ކާމިޔާބީ

ވެލާނާ އެއަރޕޯޓް 57 އަހަރު ތެރޭ، ހޯދަމުންދާ ކުރިއެރުންތަކުގެ ބޭނުން ހިފަނީ ފަސިންޖަރުންނަށް ދެވޭ ޚިދުމަތް ފުޅާ ކުރުމަށް ކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.

އެމްއޭސީއެލްއަށް މިއަދު މިވަނީ 57 އަހަރު ފުރިފައެވެ. މިހާ ހިސާބަށް އައިއިރު ގިނަ ކުރިއެރުންތަކެއް މިވަނީ ހޯދާފައެވެ. އެގޮތުން ރަންވޭ ކޯޑް އެފް ރަންވޭއަކަށް ބަދަލު ކުރެވުމާއި ނޫވިލު ސީޕްލޭން ޓާމިނަލް ހިމެނެއެވެ.

މީގެ އިތުރަށް ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދެވި، ގިނަ މުވައްޒަފުންގެ ބޯހިޔާ ވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހަދައިދެވިފައި ވާނެ ކަމަށް އެމްެއޭސީއެލް އިން ބުނެއެވެ.

އެއަރޕޯޓް ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށް ދެއެވެ. އެގޮތުން ވީއައިޕީ އިމާރާތުގެ ފޭސް 1 ނިމިފައިވާކަން އެކުންފުނިން ފާހަގަ ކުރެއެވެ. އަދި އެރައިވަލް އަދި ޑިޕާޗަރ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދާކަމަށާއި މީގެ ސަބަބުން އަންނަ މީހުން އަދި ފުރާ މީހުންނަށް ދެވޭ ޚިދުމަތް ކުރިއަރަމުން އަންނަ ކަން ވަނީ ފާހަގަ ކޮށްފައެވެ.

އެކުންފުނިން ބުނާ ގޮތުގައި، ކުންފުނީގެ މުވައްޒަފުންގެ ޤާބިލީއްޔަތުކަން އިތުރު ކުރުމަކީ ވިޔަފާރީގެ އެއް އަސާސް ކަމަށެވެ. މިގޮތުން އެކި ބާވަތުގެ ޕްރޮގްރާމްތަކާއި އެކު ކުންފުނީގައި ހުރި ވަސީލަތުގެ ދަތިކަން ފާހަގަވެ މަސައްކަތް ކުރެވޭ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މަހުޖޫބް ޝުޖާއު ވިދާޅުވީ، އެއާޕޯޓްގެ ތަރައްޤީ އަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ދެވޭ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތް ކަމަށެވެ. އަދި މިވީ 57 އަހަރު ތެރޭ ހޯދި ކުރިއެރުންތަކަށް މުވަޒަފުންނާއި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

ވެލާނާ އެއާޕޯޓް ހުޅުލޭ އެއާޕޯޓްގެ ނަމުގައި ހުޅުވާފައިވަނީ 1960 ގައެވެ. އަދި ފުރަތަމަ ރަންވޭ 1966 ގެ އެޕްރީލް 12 ވަނަ ދުވަހު ޚިދުމަތް ދޭން ފެށިއެވެ. އެއާޕޯޓްގެ އަހަރީ ދުވަސް ބަލަނީ މިހާ ހިސާބުންނެވެ.