ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ، އެ ޓީމަށް ކުޅެމުން އަންނަ ލީރޯއި ސާނޭގެ މޫނުމަތީގައި ޖަހައިފި އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަން ހިނގާފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން ބަޔާން 3-0 އިން ބަލިވި މެޗަށްފަހު އެވެ.
އެގޮތުން މެޗަށްފަހު ދެ ކުޅުންތެރިންގެ މެދުގައި އަރާރުންވުމެއް ހިނގި ކަމަށާއި، އެ އަރާރުންވުމުގެ ތެރެއިން ސާނޭގެ މޫނުމަތީގައި މާނޭ ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މާނޭ ދިން ހަމަލާއާ ގުޅިގެން ސާނޭގެ ތުންފަތް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. އަދި މި އަރާރުންވުން ހިނގީ މެޗުގެ ތެރެއިން ހިނގާދިޔަ ކަމަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިކަމާ ގުޅިގެން މާނޭ އަށް އަޅާނެ ފިޔަވަޅެއް އަދި އެނގިފައި ނުވާއިރު މި ހާދިސާއާ ގުޅިގެން ބަޔާނުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ރޭގެ ނަތީޖާތަކާ އެކު ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދިޔުމަށް ސިޓީ އަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ސެމީ އަށް ދެވޭނެ އެވެ.