މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ޝާހިދު ކަޕޫރްގެ ފިލްމު "ބްލަޑީ ޑެޑީ" ގެ ޕޯސްޓަރު ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ސިނަމާތަކުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އެ ޕްރޮޑިއުސްކުރި ޖިއޯ ސްޓޫޑިއޯސްގެ ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާގަ އެވެ. އެއީ ޖޫން މަހުގެ 9 ގަ އެވެ. "ބްލަޑީ ޑެޑީ" ގެ ޕޯސްޓަރުގެ އިތުރުން އޭގެ ޓީޒާއެއް ވެސް ވަނީ އިއްޔެ ޖިއޯ އިން ބޭއްވި ކުލަގަދަ ހަފުލާއެއްގައި ދައްކާލައިފި އެވެ.
އި އިވެންޓްގައި އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ގިނަ ޕްރޮޖެކްޓްތަކުގެ މައުލޫމާތު އާންމުކޮށްފައިވެ އެވެ.
ޝާހިދު ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ "ބްލަޑީ ޑެޑީ" އަކީ ފްރާންސްގެ ފިލްމެއް ކަމަށްވާ 2011 ގެ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ އަންޑަވޯލްޑް އިން ކިޑްނެޕްކުރާ އަންހެން ދަރިއަކު ސަލާމަތް ކުރަން ބައްޕައަކު ކުރާ މަސައްކަތެވެ.
"ބްލަޑީ ޑެޑީ" ގެ ޑައިރެކްޓަރަކީ "ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" އަދި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރެވެ. މިއީ އޭނައާ އެކީ ޝާހިދު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޒީ" އެވެ.
ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނައި ސީރީޒް "ފަރްޒީ" އިންނެވެ.
"ބްލަޑީ ޑެޑީ" ގެ އިތުރުން މި އަހަރަށް ޝާހިދުގެ އަނެއް ޕްރޮޖްޓަކީ ކްރިތީ ސެނަންއާ އެކީ ކުޅެ، އޮކްޓޯބަރުގައި ގެނެސްދޭން އޮތް ފިލްމެކެވެ. ޝޫޓިން ނިންމާފައި އޮތް އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.