އެމެރިކާ ޤައުމީ ރޭޑިއޯ، ނޭޝަނަލް ޕަބްލިކް ރޭޑިއޯ (އެންޕީއާރް) އިން މީސްމީިއާގެ ވަސީލަތެއް ކަމަށްވާ ޓްވިޓާ ދޫކޮށްލައިފި އެވެ.
އެންޕީއާރް އިން ޓްވިޓާ ދޫކޮށްލާފައި ވަނީ، އެކުންފުންޏަކީ އެމެރިކާ ސަރުކާރުން ޚަރަދުކުރާ މީޑިއާއެއް ކަމަށް ޓްވިޓާ އިން ލޭބަލް ކުރުމުންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ދައުލަތުގެ ޙަބަރާއި މައުލޫމާތު ފެތުރުމަކީ އެކު ންފުނީގެ ޤާނޫނީ ޒިންމާއަކަށްވެފައި، އެ ކުންފުނީގެ އާމްދަނީ 1 އިންސައްތަ ފިޔަވާ ހުރިހާ އާމްދަނީ ސޮޕޮންސަރުންނާއި، އަޑު އަހާ މެންބަރުންގެ ފުށުން ލިބޭ އެއްޗެއް ކަމަށެވެ.
އެންޕީއާރް އުފައްދާފައި ވަނީ އެމެރިކާގެ ކޮންގްރެސްގެ ނިންމުމަކުންނެވެ. ނަމަވެސް ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައި ސަރުކާރަށް އެންޕީއާރުގެ އެއްވެސް ކޮންޓެއްޓަކަށް ބާރު ނުފޯރުވޭނެ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ. އަދި އެއީ މިނިވަން މީޑިއާއެއް ކަމަށް އެ ކުންފުނިން ޤަބޫލު ކުރެއެވެ. އެކުންފުނިން ޓްވިޓާ ދޫކޮށްލިއިރު އެކުންފުނީގެ 8 މިލިއަން ފޮލޯވަރުން ޓްވިޓާގައި ތިބެއެވެ.
އެންޕީއާރުން ބުނެފައިވަނީ މިފަދަ ލޭބަލެއްގެ ސަބަބުން އެންޕީއާރުގެ އަޑުއެހުންތެރިން އިތުބާރު ގެއްލި ސަރުކާރު ބޭނުން ގޮތަކަށް ހަބަރު ފަތުރާ ތަނެއްގެ ގޮތުގައި ދޭހަވާ ކަމަށެވެ.
މިކަމުގައި ޓްވިޓާ ސީއީއޯ ވިޔަފާރިވެރިޔާ އެލަން މަސްކް ވަނީ، ދައުލަތުގެ އެއްވެސް ޚަރަދެއް ނުލިބޭކަން ދޮގުނުކުރާކަން ފަހަގަކޮށް، އެންޕީއާރްއިން ހިގީގަތާއި ދެކޮޅުވަނީ ކޮންގޮތަކުންތޯ ސުވާލު އުފައްދާފައެއެވެ.
ޓްވިޓާ ވެރިފިކޭޝަން ނިޒާމަށް ބޮޑެތި ބަދަލުތަކެއް އެލަން މަސްކް ހަވާލުވިފަހުން ގެންނަމުން ދާއިރު، ޤައުމުތަކުގެ ސަރުކާރު ރޭޑިއޯ އަދި ޓީވީ ތަކަށް ސަރުކާރު ޚަރަދުގައި ހިންގާ މީޑިއާގެ ލޭބަލް އަންނަނީ ދެމުންނެވެ. މިއީ ޓްވިޓާ ބޭނުން ކުރާ ފަރާތްތަކަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ޓްވިޓާ އެއް ބުނެއެވެ.
އެންޕީއާރް ޓްވިޓާ ދޫކުރިއިރު، ބީބީސީއަށް ވެސް މި ލޭބަލް ދިނުމުން އިނގިރޭސި ވިލާތުގެ ބީބީސީން ވަނީ މައްސަލަ ޓްވިޓާ އަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ބީބީސީގެ ލޭބަލް ވަނީ ރައްޔިތުން ޚަރަދު ކުރާ މީޑިއާގެ ލޭބަލަށް ބަދަލުކޮށްފައެވެ. ބީބީސީ ހިންގަނީ އިނގިރޭސި ވިލާތުގެ ރައްޔިތުން އަތުން ނަގާ ޓީވީ ލައިސެންސްގެ ތެރެއިންނެވެ. މިއީ ޓިވީ ޚިދުމަތް ހޯދާ ކޮންމެ ރައްޔިތަކުވެސް ދައްކަން ޖެހޭ ފީއެކެވެ.