Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

ބާދުޝާގެ ޗުއްޓީ ސިޔާމް ވޯލްޑްގައި

މަޝްހޫރު އެތައް ލަވައެއް ގެނެސްދީފައިވާ އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ބާދުޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް މިއުޒިކް ހަދައި ލަވަ ކިޔުމުގެ އިތުރަށް، މިހާތަނަށް އަމިއްލަ އެތައް ވީޑިއޯ ލަވައެއް ވެސް ނެރެފައިވާ ބާދުޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝިޔާމް ވޯލްޑްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އޭނަ ބުނީ އަހަރަކު ދެ ޗުއްޓީ ބޭނުންވާ ކަމަށެވެ. އެއީ ކޮންމެ ޗުއްޓީއަކަށް ހަ މަސް ކަމަށެވެ.

އަސްލު ނަމުން ނަމަ އަދިތިޔާ ޕްރަތީކް ސިންގް ސިސޯޑިއާ ނުވަތަ ބާދުޝާ، 37، ލަވަކިޔާފައިވާ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ހޫބްސޫރަތު"، "ސްޓްރީޓް ޑާންސާ"، "ކަޕޫރް އެންޑް ސަންސް"، "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"، "ގުޑް ނިއުސް"، "ދަބަންގް 3"، "އޭ ދިލް ހެ މުޝްކިލް" އަދި "ވީރޭ ދީ ވެޑިން" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ބާދުޝާ 2019 ގައި ފިލްމަކުން ވެސް ފެނުފައިވެ އެވެ. އެއީ ސޮނާކްޝީ ސިންހާގެ "ޚާންދާނީ ޝަފަޚާނާ" އިންނެވެ. އޭނަ ބައެއް ޓީވީ ޝޯތަކުގައި ޖަޖްކަން ވެސް ކޮށްފައިވެ އެވެ.