Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އެފްކޮންސް ވިއްކާ ވާހަކަ ދައްކަނީ ނުތަނަވަސްކަން އުފައްދަން

އައްޑޫ މަފު ހެދުމާއި ތިލަމާލެ ބްރިޖްގެ އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި އެފްކޮންސް ވިއްކައިލަން އުޅޭ ވާހަކަ އިދިކޮޅުން މިހާރު މާ ބޮޑުކޮށްލައިގެން ދައްކަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އެފްކޮންސްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕުން އެ ކުންފުނިން ވިއްކައިލަން ނިންމާފައި ވަނީ އެސްޕީ އަށް ދިމާވެފައވާ މާލީ ތާށިކަމާ ހެދި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ މީގެ ސަބަބުން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ހުއްޓި އޭގެ ގެއްލުން އެތައް ގުނައަކަށް ލިބިދާނެ ކަމަށް ވިދާޅުވެ، މަޖިލީގުގެ އިއްޔެ ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވާފައިވެ އެވެ.

އެފްކޮންސްއާ ގުޅޭ ގޮތުން މިހާރު ދެކެވާ ވާހަތަކާ ގުޅިގެން ރައްދު ދެއްވައި މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަަސް އަޅައި، އެ މަޝްރޫއުތައް ހުއްޓުވަން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އެފްކޮންސްގެ ވާހަކަ އެ ދައްކަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން. މިއީ ސަރުކާރުގެ އިތުބާރު ގެއްލުވާލެވޭތޯ ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއް." އޭނަ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވި ގޮތުގައި އެފްކޮންސް ވިއްކައިލިޔަސް ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއަކަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އެފްކޮންސް އަކީ އޭގެ ޒާތުގައި ފައިދާވާ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏެއް ކަމަށެވެ.

"ސަބްސިޑަރީ ކުންފުނިތް ވިއްކުމަކީ އާ ކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "ރާއްޖޭގައި އެފްކޮންސް އިން ހިންގާ ހުރިހާ މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ލައިން އިފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތައް. އެއިން އެއްވެސް މަޝްރޫއެއް ހިންގައި ފުރިހަމަ ނުބަނީސް ސަރުކާރުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ."

މަވޯޓާ ވިދާޅުވި ގޮތުގައި އެފްކޮންސް ވިއްކައިލަން އެސްޕީ ގްރޫޕުން އުޅުނަސް އެ ކުންފުނި ބަނގުރޫޓެއް ވެސް ނުވާ ކަމަށެވެ.

"އެހެންވީމަ އެ ކުންފުނިން [އެފްކޮންސް] ރާއްޖޭގައި ކުރާ ހުރިހާ މަސައްކަތްތަކެއް ނިންމާނެ." އޭނަ ވިދާޅުވި އެވެ.

އެފްކޮންސް އިން ރާއްޖޭގައި ހިންގަމުން އންނަ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެގޮތުން އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓަށް 1.1 ބިލިއަން ރުފިޔާ ހޭދަވާ އިރު، ތިލަމާލެ ބްރިޖަށް 8.2 ބިލިއަން ރުފިޔާ އަރަ އެވެ.

އެފްކޮންސް އަކީ އެސްޕީ ގްރޫޕްގެ 14 ސަބްސަޑަރީގެ ތެރެއިން އެއް ކުންފުންޏެވެ.