Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

ލަންކާ އިން ޗައިނާ އަށް 100،000 މަކުނު

ސްރީ ލަންކާ އިން ޗައިނާ އަށް 100،000 އަށް ވުރެ ގިނަ ރާމާމަކުނު ފޮނުވަން ނިންމައިފި އެވެ.

އެ ގައުމުގެ އެގްރިކަލްޗަ މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ މަކުނު ޗައިނާ އަށް ބޭރުކުރަން ނިންމީ ޗައިނާގެ ސަރުކާރުން އެދިގެން ކަމަށާއި އެ ގައުމަށް ފޮނުވާ މަނުކުތައް ގެންގުޅޭ ޒޫތަކުގައި ކަމަށެވެ.

ލަންކާގެ އެގްރިކަލްޗަ މިނިސްޓަރު މަހިންދަ އަމަރަވީރާ ވިދާޅުވީ ޗައިނާގެ ވަފުދަކުން ބައްދަލުކޮށް އެދުނު އެދުމުގެ މައްޗަށް ފުރަތަމަ މަރުހަލާގައި 100،000 އަށް ވުރެ ގިނަ މަކުނު ޗައިނާ އަށް ފޮނުވަން ނިންމާފައިވާ އިރު، މީގެ ސަބަބުން ލަންކާގެ ދަނޑުވެރިންނަށް ފަސޭހަތަކެއް ވެސް ވާނެ ކަމަށެވެ. ދަނޑުތަކަށް މަކުނުތައް ގެއްލުން ދިނުމުގެ މައްސަލަ އަކީ ލަންކާ ދަނޑުވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

އެހެންވެ އެ ގައުމުގައި މަކުނު އާބާދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ވެސް ފަށާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލަންކާގައި އުޅޭ މަކުނު އާބާދީ ތިން މިލިއަނަށް ވުރެ ގިނަ އެވެ. އަދި އެ ޖަނަވާރަކީ އެ ގައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.