Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

"އާޝިގީ 3" އަށް ދީޕިކާ ނުވަތަ ކެޓްރީނާ؟

ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ބަޓް ކޭމްޕްގެ ފިލްމު "އާޝިގީ 3" ގެ ބަތަލާގެ ރޯލަށް ނަގާނީ ދީޕިކާ ޕަދްކޯން ނުވަތަ ކެޓްރީނާ ކައިފް ކުރެން ކޮންމެވެސް އެކަކު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު މިދިޔަ އަހަރު އިއުލާން ކުރި ފަހުން މީގެ ބަތަލާ އަކާ ބެހޭ ގޮތުން އެކި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން "އާޝިގީ 3" ގެ ބަތަލާ އަކީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓް ކަމަށް ވެސް އަޑުއެރި އެވެ. އޭގެ ފަހުން ސާރާ އަލީ ޚާން ފިލްމަށް ނަގަން ނިންމިކަމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.

އަދި ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފައިވާ ގޮތުގައި ފިލްމަށް އާ ބަތަލާ އަކު ނަގާނެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިހާރު ބުނަނީ "އާޝިގީ 3" އަށް އޭ-ލިސްޓް ބަތަލާ އަކު ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ދީޕިކާ ނުވަތަ ކެޓްރީނާ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިން ވެސް އަދި ކާތިކާ އެކީ ފިލްމެއް ކުޅެފައި ނުވާ ކަމެވެ. އެހެންވެ "އާޝިގީ 3" ގެ ޓީމުން ވެސް ބޭނުން ވަނީ ކާތިކާ އެކީ މަސައްކަތްކޮށްފައި ނުވާ މަޝްހޫރު ބަތަލާއެކެވެ.

މި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫއާ އެކީ ކެޓްރީނާ ކުރިން މަސައްކަތްކުރި އެވެ. އެއީ 2016 ގެ "ޖައްގާ ޖާސޫސް" އެވެ.

"އާޝިގީ 3" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ހަމަޖެހިފައިވާ އިރު، އަނޫރާގް މިހާރު އަންނަނީ އޭނަ 2007 ގައި ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގެ ސީލްއެލް "މެޓްރޯ…އިން ދިނޯ" ގެ މަސައްކަތްކުރަމުންނެވެ. ޑިސެމްބަރު 8 އަށް ތާވަލުކޮށްފައިވާ މި އެންތޮލޮޖީ ފިލްމުގެ ކާސްޓްގައި ސާރާ، އަދިތިޔާ ރޯއި ކަޕޫރް، އަނޫޕަމް ކޭރް، ނީނާ ގުޕްތާ، އަލީ ފަޒަލް، ފާތިމާ ސަނާ ޝެއިހް، ކޮންކޮނާ ސެން ޝަރުމާ އަދި ޕަންޖަކް ޓްރިޕަތީ ހިމެނެ އެވެ.

ބަޓް ކޭމްޕްގެ މަޝްހޫރު ފްރެންޗައިޒް "އާޝިގީ" ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1990 ގަ އެވެ. އަދި "އާޝިގީ 2" ރިލީޒްކުރީ 2013 ގަ އެވެ. މި ދެ ފިލްމުގެ ކާސްޓް ވެސް މުޅިން ތަފާތެވެ.