Last Updated: June 20, 11:58
Saturday, June 20, 2026
ޚަބަރު

ރޯދަ މަހުގެ ފުރަތަމަ 15 ގައި 173 އެކްސިޑެންޓް

މިދިޔަ މަހު ހިތަދޫގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހގެން ހިނގި އެކްސިޑެންޓް.

މި ރޯދަ މަހުގެ ފުރަތަމަ 15 ގެ ތެރޭގައި 173 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްތަކުގެ ތެރެއިން 151 އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. ދެން މި މަހު އެކްސިޑެންޓްތައް އެންމެ ގިނައީ މިހާތަނަށް ނުރައްކާތެރި އެތައް އެކްސިޑެންޓް ހިނގާފައިވާ އަދި އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމު އައްޑޫގަ އެވެ. އެ ސިޓީން މި ރޯދަ މަހު 9 އެކްސިޑެންޓެއް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުން ބުނީ ދެން ރިޕޯޓްކުރި އެކްސިޑެންޓްކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުން ރިޕޯޓްކުރި ތިން އެކްސިޑެންޓަކާއި ހއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކުން ދެ އެކްސިޑެންޓާއި ރ. އަތޮޅާއި ބ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ދ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅުން ކޮންމެ އަތޮޅަކުން ރިޕޯޓްކުރި އެކްސިޑެންޓެވެ.

މި ރޯދަ މަހު ހިނގި އެކްސިޑެންޓްކުގައި ދެ މީހަކު މަރުވެފައިވެ އެވެ. އެއީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގަ އެވެ. އެ ދެ އެކްސިޑެންޓްގައި ވެސް މަރުވެފައި ވަނީ ފިރިހެނުންނެވެ.