Last Updated: July 26, 17:27
Sunday, July 26, 2026
މުނިފޫހިފިލުވުން

"ހެރީ ޕޮޓާ" ދެން އަންނާނީ ސީރީޒެއް ގޮތަށް

ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު ސީރީޒް "ހެރީ ޕޮޓާ" ވެބް ސީރީޒެއް ގޮތަށް މުޅިން ތަފާތު ކާސްޓަކާ އެކީ ގެނެސްދޭން ނިންމައިފި އެވެ.

ދިހަ އަހަރށް ދެމިގެންދާ ގޮތަށް ވޯނާ ބްރޮސް ޑިސްކަވަރީން މި ސީރީޒް ގެނެސްދޭނީ އެޗްބީއޯ މެކްސްއިންނެވެ. އެކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. "ހެރީ ޕޮޓާ" ސީރީޒް އަކީ ވެސް އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން ހަތް ބަތަކަށް ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާނެ އެއްޗެކެވެ.

މުޅިން ތަފާތު ކާސްޓަކާ އެކީ ސީރީޒް ހަދަން ނިންމިކަން އިއުލާންކުރި ނަމަވެސް މީގެ ޑައިރެކްޓަރާއި ކާސްޓާއި އަދި ބެލުންތެރިންނަށް ސީރީޒް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ވޯނާ ބްރޮސް ޑިސްކަވަރީން ދޭ ޔަގީން ކަމަކީ "ހެރީ ޕޮޓާ" ސީރީޒްގެ ކޮންމެ ސީޒަނަކީ ވެސް ރޯލިންގެ ވާހަކަ އަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށްދޭނެ އެއްޗެއް ކަމަށެވެ. ރޯލިން އަކީ ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއް ވެސް މެ އެވެ.

"ހެރީ ޕޮޓާ" ފިލްމުތަކެއްގެ ގޮތުގައި 8 ބަޔަކަށް ގެނެސްދިނީ 2001-2011 އަށެވެ. އަދި އެ ފިލްމުތަކަށް އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ކުރިން ފިލްމުތަކެއް ގެނެސް ދިނުމަށް ފަހު ސީރީޒެއްގެ ގޮތުގައި މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި "ދަ ލޯޑް އޮފް ދަ ރިންގްސް" ހިމެނެ އެވެ.