Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

އެފްކޯންސް ވިއްކާލިޔަސް ޕްރޮޖެކްޓްތައް ކުރިއަށްދާނެ

ތިލަމާލެ ބްރިޖާއި އައްޑޫ މަގުތައް ހެދުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލިނަމަވެސް އެ ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖާއި އައްޑޫ މަގުތައް ހެދުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ވިއްކާލާ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާއިރު އެ ކުންފުނި ވިއްކާލުމުން ޕްރޮޖެކްޓްތަކަށް ވާނެ ގޮތަކާމެދު އަންނަނީ ސުވާލު އުފެދެމުންނެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ސްޕޯކްސްޕާސަން މިއުވާން ވިދާޅުވީ ބްރިޖްގެ މަސައްކަތް ނުހުއްޓޭ ކަމަށާއި އެކި ހިސާބުތަކުގައި ކުރިއަށްގެންދަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މިއުވާން ވިދާޅުވިއެވެ.

އެފްކޯންސް ވިއްކާލުމުގެ ކަންކަމުގައި ސީދާ ދިވެހި ސަރުކާރާއެކު އެ ކުންފުނިން މައުލޫމާތު ހިއްސާކުރައްވާފައިނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ކުންފުނި ވިއްކާލިނަމަވެސް ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަސަރު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެފްކޮންސް ޕޭރަންޓް ކުންފުނިން އެފްކޮންސްގެ ހިއްސާ އެހެން ބަޔަކަށް ބަދަލުކުރުމަކީ އެކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް އަރާނެ ކަމެއް ނޫން." މިއުވާން ވިދާޅުވިއެވެ.

ކުންފުނި ވިއްކާލިނަމަވެސް ކުންފުންޏާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން އެގޮތުގައި އޮންނާނެ ކަމަށާއި ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމުން ކުރާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެކަމަށް މިއުވާން ވިދާޅުވިއެވެ.

އެ ކުންފުނި ވިއްކާލުމުން ޕްރޮޖެކްޓްތައް ހުއްޓޭނެކަމަށް ރައްޔިތުންނަށް ދެއްކުމަށް ބައެއް ސިޔާސީ ބޭފުޅުން ކުރާ މަސައްކަތަކީ ކަމުގެ ހަގީގަތް އެނގިތިބެ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.