Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ކުންފުނިތަކަށް ފައިސާ ދައްކާނެކަމުގެ ޔަގީންކަން ފެނަކައިން ދޭ

ފެނަކަ ކުރީގެ އެމްޑީ މުހައްމަދު ސައީދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދައްކާނެކަމުގެ ޔަގީންކަން ފެނަކައިން ދޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ދަރަނި ބޮޑުވެ އެކި ކުންފުނިތަކާއި ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ދަރާފައިވާއިރު ބައެއް ކުންފުނިތަކުން މިފަހުން ވަނީ ފައިސާ ނުދައްކާ މައްސަލައިގައި އިހުތިޖާޖްވެސް ކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ފެނަކައަކީ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށާއި އެގޮތުން ރާއްޖޭގެ ރަށްރަށުގައި ފެނާ ކަރަންޓު ފޯރުކޮށްދިނުމުގެ ކަންކަން ފެނަކައިން ކުރާ ކަމަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް އޮތީ ވަރަށް ދޯދިޔާކޮށް ކަމަށާއި އަދި ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުގައިވެސް ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެކަންކަމުގެ ސަބަބުން ހަރަދުތައް ބޮޑެވެގެންދާކަން ފާހަގަކުރެއްވިއެވެ.

"ފެނަކައިގެ ފަރާތުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާތައް ދައްކާނެކަމުގެ ޔަގީންކަން ފެނަކައިގެ ފަރާތުން ދެއްވާ. އެކަން ކުރިއަށްދާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ފައިސާގެ ކަންކަމުގައި ކޮންމެވެސްވަރަކަށް ދިމާވާ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ފެނަކައިން އަމިއްލަ އެކި ކުންފުނިތަކަށް ދަރާފައިވާއިރު ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށްވެސް ބޮޑެތި އަދަދުތަކުން ދަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފެނަކައިގެ ދަރަނި 2.8 ބިލިއަނަށްވުރެއް މަތީގައި އުޅޭކަމަށް މައުލޫމާތު ލިބެއެވެ.