Last Updated: June 8, 09:58
Monday, June 8, 2026
ޚަބަރު

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދޭނެ

ރައީސުލްޖުމްހުރިއްޔާ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުރު ނޫހުގެ ނޫސްވެރިއަކަށް އަދި އެޑިޓަރަކަށް އިންޒާރުދިން މައްސަލަ މިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް އެކަން ބެލުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ސްޕޯކްސްޕާސަން މިއުވާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާގޮތާ ގުޅޭގޮތުން އެއްޗެއް ދަންނަވާނީ ފުލުހުން ކަމަށެވެ.

މިއުވާން ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ސަރުކާރުން ފުއްދަމުން ގެންދާނެކަމަށެވެ. އަދި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަންފީޒުކުރަމުންދޭތޯ ސަރުކާރުން ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިން ސަރުކާރަކަށް މިސަރުކާރު ވާނެ." މިއުވާން ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ކުންފުންޏާއި ހިލްޓަންގެ އާއި ދެމެދު ހިނގަމުންދާ މައްސަލައާއި ގުޅިގެން ޝާއިއު ކުރި ހަބަރަކާ ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދީފައިވާއިރު އެ މައްސަލަ ބަލައިދިނުމަށް ނޫސްވެރިންގެ ޖަމިއްޔާއިންވެސް ގޮވާލާފައިވެއެވެ.

މިމައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން އިތުރުވެފައިވަނީ ސިޔާމްގެ އެމްޑީއޭއަކީ ރައީސް ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ޕާޓީއަކަށް ވާތީއެވެ.