އދ. ދިގުރަށް އަދި ގއ. ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެއިތުރުން ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ވަނީ ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.