ހިތަދޫންއިން ގަރާޖް ވޯކްޝޮޕް ހިންގުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ހިތަދޫއިން ގަރާޖް ވާކްޝޮޕް ހިނގުމަށް ހުޅުވާލަނީ ގާތްގަނޑަކަށް 8320 އަކަފޫޓުގެ 3 ބިމާއި 8342 އަކަފޫޓުގެ އެއް ބިމެވެ. މިއީ ގަރާޖް ވޯކްޝޮޕް ހިންގުމަށް ހިތަދޫގެ ޕޮލިޓެކްނިކް ފުރަގަހަށް އޮތް ހުސް ބިމުން ދޫކުރާ ބިންތަކެކެވެ. މި ބިންތަކަށް އާންމު ބީލަމަށް ހުޅުވާލާފައިވާއިރު ބީލަމަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިމަހުގެ 13 އިން ފެށިގެން 27 އަށް ބަނދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 ދެމެދު ހުށަހެޅޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވާން ބިޑް ސެކިއުރިޓީގެ ގޮތުގައި 300ރ. ގެ ރެޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެއެވެ. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 04 މޭއި 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
އައްޑޫގައި ގަރާޖް ހެދުމަށް ސިޓީ ބިން ދޫކުރަން ހުޅުވާލިއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުން ދޫކޮށްފައިވާ ބިންތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. މިވަގުތު އައްޑޫގެ ގިނަ ގަރާޖްތައް ހުންނަނީ މީހުން ދިރިއުޅޭ ހިސާބު ރަށުތެރޭގައެވެ. އަދި ގަރާޖުގައި ކުރެވޭ ހުރިހާ މަސައްކަތެއްވެސް ކުރެވެނީ އެތަންތާގައެވެ.