Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ބެސްޓް ޓުއަރިޒަމް ވިލެޖެސްގެ ފުރުސަތު ރަށްތަކަށް

ބެސްޓް ޓުއަރިޒަމް ވިލެޖެސް 2023 އާއި ގުޅޭ ގޮތުން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

އދގެ ފަތުރުވެރިކަމާއި ބެހޭ މައި އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ "ބެސްޓް ޓުއަރިޒަމް ވިލެޖެސް 2023" ގައި ވާދަ ކުރުމުގެ ފުރުސަތު ދިވެހި ރާއްޖޭގެ ރައްތަކަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، ބެސްޓް ޓުއަރިޒަމް ވިލެޖެސް 2023 އަށް ރާއްޖޭގައި ދިރިއުޅުމުންދާ އާބާދީގައި 15،000 ހަމަ ނުވާ ކޮންމެ ރަށަކަށް ކުރިމަތި ލެވޭނެ ކަމަށެވެ. މިފަހަރުގެ މުބާރާތައް ރާއްޖޭގެ ފަރާތުން 8 ރަށެއްގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ހުށަހަޅާ ރައްތަކުގެ ތެރެއިން މިކަމަ ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެނޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމަށާއި ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި މިނިސްޓްރީން ރައްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ވަނީ ހާމަކޮށްފައެވެ. އަދި މިރަށްތަށް "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" ގައި ވާދަކޮށް ކާމިޔާބު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މިރަށްތަކާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިއީ ރަށްފުށުގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ ވަސީލަތްތުގައި ފަތުރުވެރިކަން ބޭނުން ކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން ރަށްފުށުގެ ފަތުރުވެރިކަމަށް އަމާޒުކޮށް ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމިނިސްޓްރީން ބުނެއެވެ. މިގޮތުން 2021 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 40 ޤައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ބެސްޓް ޓުއަރިޒަމް ވެލެޖެސް ގޮތުގައި ހޮވިއްޖެ ނަމަ، އެ ނެޓްވޯކްގެ އެހެން އަވަށްތަކާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން އެކި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ބައިވެރިވުމަށް މަގުފަހިވެގެން ދެއެވެ. މީގެ ސަބަބުން ރަށުގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް މަގުފަހިވެގެންގޮސް ރަށަށް ކުރިއެރުން ލިބުމަށް މަގުފަހިވާކަން މިނިސްޓްރީީން ފާހަގަ ކުރެއެވެ.

ރަށްތަކުން މިކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމް މިކަމާއި ގުޅޭ އިއުލާނާއި ގެޒެޓްގައި ވަނީ ޝާއިއު ކުރެވިފައެވެ. މިއާއެކު ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން 8 ރަށް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ހުށަހެޅިގެންދާނެއެވެ.