އެމެރިކާގެ އީސިނގިރޭޓް އުފައްދާ ކުންފުންޏެއް ކަމަށްވާ ޖޫލްސް ފުރާވަރު ކުދިންނަށް ވޭޕް އިސްތިހާރު ކުރި މައްސަލައިގައި އިތުރު 426 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން އެއްބަސްވެއް ޖެވެ.
ޖޫލްސްއިން އެއްބަސްވެފައިވަނީ އެމެރިކާގެ 6 ސްޓޭޓަކުން ކުރި ދައުވާގެ ބަދަލެއްގެ ގޮތުގައެވެ. އެގޮތުން ފުރާވަރު ސްކޫލު ކުދިންނަށް ވޭޕް އިސްތިހާރު ކުރިކަމަށް އެކުންފުނިން އަދިވެސް ދެކޮޅު ހަދައެވެ. ނަމަވެސް ބަދަލު ދިނުމަށް އެއްބަސްވީ ކުންފުނީގެ ކުރީގެ ނިންމުންތަކެއްގެ ސަބަބުން ކުރެވޭ ތުހުމަތުތަކަށް ނިމުމެއް ގެނައުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
އެކުންފުނި 426 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައިވާއިރު މިދިޔަ އަހަރު އެކަނިވެސް މިފަދަ ދައުވާތަކުގެ ބަދަލެއްގެ ގޮތުގައި 1.7 ބިލިއަން ޑޮލަރު ދޭން ޖެހުނުކަން އެމެރިކާގެ މީޑިއާތަކުން ފާހަގަކުރެއެވެ.
މިމައްސަލަ ފެންމަތިވީ 2019 ވަނަ އަހަރު ތެރޭގައެވެ. އެގޮތުން އެކުންފުނީގެ އިސްތިހާރު ތަކުގައި ޒުވާން ކުދިން ބޭނުން ކުރުމާއި، އެކި ކުލަ ކުލައިން ވޭޕް އުފައްދައި ވިއްކުމާއި، އެކި ކަހަލަ ކުޑަ ކުދިން ބޭނުންވާނެ ކަހަލަ ފްލޭވަރ ތައް އުފައްދައިގެން އިސްތިހާރު ކުރުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެމެރިކާގެ ފުރާވަރު ސްކޫލުގެ ކުދިން ވޭޕް ބޭނުން ކުރާ މައްސަލަ އެ ޤައުމުގައި ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން މި ބޭނުން ކުރާ ކުދިން އެއަށް ދެވިހިފާކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައެވެ.
އެޤައުމުގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލްއިން ބުނާ ގޮތުގައި، މިކަންތައް މައްޗަށް ގޮސްފައިވާ ރޭޓަށް ބަލާއިރު ބަލިމަޑު ކަމަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައިވެއެވެ. ގިނަ އީސިނގިރޭޓް ތަކުގައި ނިކޮޓިން ހިމެނޭ ކަމަށް ސީޑީސީން ބުނެއެވެ. މިއީ ފުރާވަރު ކުދިންގެ އަހުލާޤަށް ބަދަލު ގެނުވާ ފުރާފުރިހަމަވުމަށް ހުރަސް އަޅާ އެއްޗެއް ކަމަށް ސީޑީސީން ބުނެއެވެ.
ޖޫލްސްއިން މި މައްސަލަތަކާއެކު ގިނަ ފްލޭވަރތައް ބާޒަރުން ނަގާފައިވާއިރު، ވިއްކާ މީހާގެ އުމުރު ބެލުން ފަދަ ކަންކަން ތަންފީޒު ކުރަން ވެސް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.