ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެއްޗާއި އެކު ރާއްޖެ އެތެރެވާން މަސައްކަތް ކުރި އިންޑީއާ މީހެއް ރާއްޖެއިން ހައްޔަރު ކޮށްފިއެވެ.
ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެ އައި 56 އަހަރުގެ ފަސިންޖަރަކު ހުއްޓުވައި ފާސްކުރެވުނު ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިގޮތުން ބަލައި ފާސް ކުރުމުގެ ތެރޭ އޭނާގެ އަތް ދަބަހުން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ވަނީ ފެނިފައެވެ. މީގެ އިތުރުން އޭނާގެ ލަގެޖުގެ ތެރެއިންވެސް މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ބާވައްތައް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އޭނާ އަތް ދަބަހުގެ ތެރެއިން ފެނުނު ބާވައްތަށް ޓެސްޓު ކުރިއިރު މަސްތުވާއެއްޗެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތް ދަބަސްތެރެއިން 1.180 ކިލޯގެ ކޮކެއިން ވަނީ ފެނިފައެވެ. އޭނާގެ ލަގެޖުން ފެނުނު ތަކެތި ޓެސްޓު ކުރިއިރު ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. ލަގެޖުން 4.2 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިިއާއެކު އެނާގެ އަތުން ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
މިމައްސަލަ އިތުރަށް ތަހުޤާގު ކުރުމަށް އޭނާއާއި އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ވަނީ ހަވާލު ކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.