Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މެގުއާގެ ބައި ގޯލުން ޔުނައިޓެޑް އެއްވަރު

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ސެވިއްޔާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑުން އެ ޓީމުގެ އެންމެ ފޯމުގައި ހުރި ފޯވާޑް، މާކަސް ރަޝްފޯޑް ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ދެ ގޯލު ވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ދެވަނަ ހާފަށް ޔުނައިޓެޑުން ނިކުތީ އަނިޔާގެ ސަބަބުން ރަފޭލް ވަރާންގެ ބަދަލުގައި ހެރީ މެގުއާ އެކު އެވެ. ދެވަނަ ހާފްގައި ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.

މި މެޗުގައި ސެވިއްޔާ އިން ޖެހި ފުރަތަމަ ގޯލަކީ މެޗުގެ މެޗުގެ 84 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ސެވިއްޔާގެ ޖީސެސް ނަވާސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް މަލާސިއާ ފައިގައި ޖެހިފައި ވަން ގޯލެކެވެ. އަދި ސެވިއްޔާ އިން ނަތީޖާ އެއްވަރުކޮށްލި ގޯލަކީ މެގުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ވަދެފައިވަނީ ސެވިއްޔާގެ ފޯވާޑް ޔޫސެފް އެންނެސީރީ ބޮލުން ޖެހި ބޯޅަ މެގުއާ ބޮލުގައި ޖެހިފަ އެވެ.

ސެވިއްޔާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.