އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ކުރިން ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ދޯކާ ދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް "ފިކުރެއްގެ ދިރުން" ފެކްޝަން ހައްދަވައިގެން ނަޝީދު މަސައްކަތްކުރައްވާތީ ތަކުރާރުކޮށް ފާޑު ވިދާޅުވަމުން ގެންދަވާ މަަވޯޓާ ވިދާޅުވީ ނަޝީދުގެ ދަންތުރުގައި ގާސިމް އަލުން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ.
Meege kurinves @MohamedNasheed vanee @qasimibrahim ah dhoakaa dhevvaafa. Q ekan handhan nethey haa dhuvaheh ves adhi nuvey. Veemaa mifaharu mijahaa dhanthuraiga Q jeheyne kamah qaboolu kuran dhathi
— Ibrahim Shareef (@AdduShareef) April 13, 2023
އޭނަ މި ގޮތަށް ވިދާޅުވީ ނަޝީދުގެ ފެކްޝަނުން މިހާރު ޖޭޕީއާ އެކީ ސިޔާސީ މަސައްކަތްކޮށް، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމަށް ތާއީދުކުރަން ނިންމާފައިވާތީ އެވެ. ނަޝީދަކީ 2008 ގައި ރިޔާސީ އިންތިހާބުގައި ކޯލިޝަނާ ހިލާފުވެވަޑައިގަތް ބޭފުޅެކެވެ. އެކަމާ ހިތްހަމަނުޖެހިގެން އެ ވެރިކަމުގެ ވަރަށް ކުރީކޮޅު ޖޭޕީން ކޯލިޝަނުން ވަކިވި އެވެ.
"މީގެ ކުރިން ވެސް ނަޝީދު ވަނީ ގާސިމަށް ދޯކާ ދެއްވާފައި. ގާސިމް އެކަން ހަނދާން ނެތޭހާ ދުވަހެއް ވެސް އަދި ނުވޭ،" މަވޯޓާ ވިދާޅުވި އެވެ. "ވީމާ މި ފަހަރު [ނަޝީދު] މި ޖަހާ ދަންތުރުގައި ގާސިމް ޖެހޭނެ ކަމަށް ގަބޫލުކުރަން ދަތި."
ނަޝީދާއި ޖޭޕީން ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރިއަށް ގެންދާ އިރު، ޖޭޕީގެ އިސްވެރިންނާއޮ ނަޝީދުގެ ފަހަތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ އެ މީހުން ތިބީ ވަރަށް ސާބިތުކަމާ އެކީގައި ކަމަށެވެ. އަދި މި ފަހަރަކީ ގާސިމްގެ ފަހަރު ކަމަށެވެ.