ބަތަލާ ޝްރަދާ ކަޕޫރާއި ކާތިކް އާރިއަން އެކީގައި ކުޅޭ ފިލްމެއްގެ ވާހަކަ އިއުލާން ކުރުމުން ކާތިކް އެކަން ދޮގުކޮށްފި އެވެ.
އެ ފިލްމު އިއުލާންކުރީ ބުދަ ދުވަހުގެ ރޭ ޖިއޯ ސްޓޫޑިއޯސް އިން ބޭއްވި ކުލަގަދަ ހަފުލާގެ ތެރޭގަ އެވެ. އެ ހަފުލާގައި ބުނި ގޮތުގައި ކާތިކާއި ޝްރަދާގެ ޖޯޑު އަލަށް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ "ބޫލް ޗުކް މާފް" އެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
"ބޫލް ޗުކް މާފް" ގެ ވާހަކަ ފިލްމީ ޚަބަރުތައް ލިޔާ ނޫސްވެރިޔަކު އޭނަ ލިޔުނު ޚަބަރުގެ ލިންކަކާ އެކީ ޓްވީޓްކުރުމުން އެ ޓްވީޓާ އެކީ ކާތިކް ކުރި ޓްވީޓެއްގައި ބުނީ "އެ ޚަބަރަކީ ގޯހެއް" ކަމަށާއި "އެއީ ރަނގަޅު ވާހަކައެއް ނޫން" ކަމަށެވެ. ނަމަވެސް ފިލްމުގެ ވާހަކަ ޓްވީޓްކުރި މީހާ ފަހުން އެ ޓްވީޓް ޑިލީޓްކޮށްފައިވެ އެވެ.
Must be an error
Not True 🙏🏻 https://t.co/bnQ4cfpmUv— Kartik Aaryan (@TheAaryanKartik) April 13, 2023
އެކަމަކު ކާތިކާއި ޝްދަރާގެ ފިލްމުގެ ވާހަކަ ބައެއް މީޑިއާތަކުގައި ވެސް ގެނެސްދީފައިވެ އެވެ.
ޖިއޯ ސްޓޫޑިއޯސްގެ ހަފުލާގައި ޝްރަދާ ބައިވެރިވި އިރު، އޭނަގެ 2018 ގެ "އިސްތިރީ" ގެ ސީކްއެލް އެ ހަފުލާގައި އިއުލާންކުރި އެވެ. އަދި އެ ފިލްމި އަންނަ އަހަރުގެ އޮގަސްޓް 8 އަށް ތާވަލުކޮށްފައިވެ އެވެ. ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކީ ކުޅެ، މިދިޔަ މަހު ރިލީޒްކުރި "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.
ޖިއޯގެ ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވި ނަމަވެސް ކާތިކް ބައިވެރިއެއް ނުވެ އެވެ. މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ.