Last Updated: June 20, 11:58
Saturday, June 20, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓުން ގެސްޓްހައުސްގެ ފުރުސަތު

މިދިޔަ މަހުގެ ތެރޭގައި ހުޅުވި ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 އާ ހުޅުވާލާފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް އެޅުމަށް 18 ބިމެއް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާފައިވާ ވަނީ 10،000 އަކަފޫޓް ބިންތަކެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ވިޔަފާރި ހިންގަން ހުޅުވާލި އިރު، އެ އެއާޕޯޓް ހުޅުވަން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ރައްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައި ވަނީ އެ އެއާޕޯޓްގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ ފުރުސަތު ދޭން ޓޫރިޒަމް ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައި ދިނުމަށެވެ.