ޝާހިދުގެ ކަޕޫރްގެ ވަރުގަދަ ތަޅާފޮޅުންތަކެއް ފެންނާނެ ފިލްމު "ބްލަޑީ ޑެޑީ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓީޒާ އިން ފެންނަ ގޮތުގައި މިއީ ޝާހިދުގެ ވަރަށް ޖެހިލުން ކުޑަ ރޯލެއް ފެންނާނެ އެއްޗެކެވެ. އަދި މީގެ ކުރިން އޭނަ ފެނިފައި ނުވާ ކަހަލަ ވަރުގަދަ އެކްޝަން ރޯލެއް "ބްލަޑީ ޑެޑީ" ގައި ކުޅެފައިވެ އެވެ.
މި ފިލްމަކީ ފްރާންސްގެ ފިލްމެއް ކަމަށްވާ 2011 ގެ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ އަންޑަވޯލްޑް އިން ކިޑްނެޕްކުރާ އަންހެން ދަރިއަކު ސަލާމަތް ކުރަން ބައްޕައަކު ކުރާ މަސައްކަތެވެ.
ޖޫން 9 ގައި ޖިއޯ ސިމެނާ އެޕުން ސްޓްރީމްކުރަން ހަމަޖެހިފައިވާ "ބްލަޑީ ޑެޑީ" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ޑަޔާނާ ޕެންޓީ، ރަޖީވް ކަންޑެލްވާލް (ސޫޖަލް)، ރޯނިތު ރޯއި އަދި އަންކޫރް ބާޓިއާ ހިމެނެނ އެވެ.
އަލީ ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" އަދި "ބާރަތު" ހިމެނެ އެވެ.