ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވާ އިރު، ނަޝީދުގެ ފަރާތުން ޖޭޕީ އަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލައި ބޮޑުވަޒީރަކު ވެސް އައްޔަންކުރަން ހުށަހަޅުއްވައިފި އެވެ.
ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވެރިލަން ލިބިއްޖެ ނަމަ ނަޝީދުގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުމުގައިވާ ގޮތުން ނޮވެމްބަރު 17، 2023 ގައި ހުވާ ކުރުމުގެ ކުރިން ބަރުލަމާނީ ނިޒާމް ގެނައުމަށް ހުށަހަޅާފައިވެ އެވެ. ނަޝީދުގެ ހުށަހެޅުންތަކާ ގުޅެ ޑްރާފްޓެއް ވެސް ލީކްވެފައިވާ އިރު، އޭގެ ތެރޭގައި ގިނަ ހުށަހެޅުންތަކެއް ހިމެނެ އެވެ.
އޭގެ ތެރެއިން މުހިއްމު ބައެއް ކަންކަން:
* ރައްޔިތުންގެ މަޖިލީހުގައި ނަގައި ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިޚާބު ކުރުން
* ގާނޫނު އަސާސީގައި ކަނޑައަޅައި ހާލަތްތަކެއްގައި ރައްޔިތުންގެ މަޖިލިސް އުވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން.
ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރެއް އިނުން
* ރައްޔިތުންގެ މަޖިލީހުން ނަގައި ވޯޓަކުން ބޮޑުވަޒީރު ހޮވުން
* ރައީސަށާއި މަޖިލީހުގައި ނެގޭ ވޯޓުގެ އަޣުލަބިއްޔަތުން ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ ބާރު ދިނުން
* ސިޔާސީ މަގާމުތައް އުފެއްދުމުގެ ބާރު ބޮޑުވަޒީރަށް ދިނުން
* ރައީސްގެ ލަފާގެ މަތިން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ބޮޑުވަޒީރަށް ދިނުން
* ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރުމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުން ބޮޑުވަޒީރަށް ހަވާލުކުރުން
ނަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖޭޕީން މިހާރު ވަނީ ވަކި ކޮމިޓީއެއް އުފައްދައިފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ތިން މެމްބަރުންނެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިނެވެ.
ބަރުލަމާނީ އަށް ވެރިކަމުގެ ނިޒާމު ފުރޮޅާލަން ޖޭޕީ އަށް ނަޝީދު ހުށަހެޅުއްވި އިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނަޝީދު ނުކުންނަވަން ނިންމެވި އެއް ސަބަބަކީ ނަޝީދުގެ އެ ހުށަހެޅުން ރައީސް ސޯލިހު އިޖާބަ ނުދެއްވުމެވެ.