ރަސޫލާ ﷺ މުޢާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ "އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް" މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
އަނީލްގެ ވާހަަކަފުޅުގައި ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ދަތި އުނދަގޫތަކަށް ބައްލަވައި އެފަދައިން ކަންކަން ދިމާވިއިރުވެސް އެކަލޭގެފާނު އެ މުޖުތަމައުގައިވާ ފަރާތްތަކާ މުޢާމަލާތުކުރެއްވި މަތިވެރި ގޮތްތައް ތަފްސީލްކޮށް ދެއްވާފަ އެވެ. އެގޮތުން ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު އެކަލޭގެފާނަށް ކުރިމަތިވި ދުއްތުރާތަކާއި އަނިޔާތަކަށް ބައްލަވައި އެހުރިހާ ކަމެއް ހިނގިއިރުވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތަށް މި މުޖުތަމައުގެ ފަރުދުން މުޢާމަލާތުކުރާނަމަ މި މުޖުތަމަޢުގައި މިހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި، އެ މުޖުތަމައުގެ ވަކިވަކި ފަރުދުންނާމެދު ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ގޮތަށް ބައްލަވައި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތާއި، ފަޤީރުންނާމެދު މުޢާމަލާތުކުރެއްވި ގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ. އަދި އެކަލޭގެފާނުގެ ސީރަތު ދިރާސާކޮށް އެކަލޭގެފާނު މުޢާމަލާތުކުރެއްވިގޮތް ބެއްލެވުމަށް ފޯރަމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ތަފާތު ހާދިސާތަކަށް ބައްލަވައި އެކަލޭގެފާނު ދެއްކެވި ނަމޫނާތަކަށް ވަރަށް ފުރިހަމައަށް ބައްލަވާލައްވާފަ އެވެ.
އަދި އޭރު އެ މުޖުތަމަޢާއި މިހާރު އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަށް ބައްލަވައި ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ރިވެތި ގޮތްތައް އަޅުގަނޑުމެންނަށް މުހިންމުވާ ސަބަބުތަކަށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާމެދު ކަންކަން ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްތަކަށް ބައްލަވައި މިއަދު އެކަލޭގެފާނުގެ ނަމޫނާގައި އަޅުގަނޑުމެން ތިބިނަމަ މި މުޖުތަމައުގައި ގިނަވެފައިވާ ވަރި، މަދުވާނެކަމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ޙައްލު އަންނާނެކަން ފާހަގަކުރެއްވި އެވެ.
ރަސޫލާ ﷺގެ ހަދީޘަށް ބައްލަވަމުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް، އަންހެނުންނަށް އެންމެ ހެޔޮ މީހާކަން ފާހަގަކުރައްވައި، އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި، ހިތާމައެއް ދިމާވުމުން އެކަލޭގެފާނު އަނބިއަނބިކަނބަލުންނަށް އޯގާތެރިވެވަޑައިގެންނެވި ގޮތަށް ބައްލަވާ ލެއްވި އެވެ. އަދި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ޣައިރު މުސްލިމުންނާމެދު ޢަމަލު ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްވެސް މިސާލާއިއެކު ތަފްސީލުކޮށްދެއްވި އެވެ.