Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ދީނީ މައުލޫމާތާ އެކީ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގައި

އާބަންކޯ އަދި އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން ބާއްވާ އައުޓްރީޗް ހަރަކާތެއް މިއަދު ހުޅުމާލޭގައި ކުރިއަށް އެބަދެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ މިހަރަކާތަކީ ރަމަޟާން މަސްތެރޭގައި ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށާއި، މައުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަލް ހިޖްރަ ޖަމިއްޔާ އިން ކުރިއަށްގެންދާ މި ހަރަކާތުގައި، ކުޑަކުދިންނަށް ޚާއްސަ ސެޝަންތަކުގެ އިތުރަށް ބޮޑެތި މީހުންނަށް ޚާއްސަ ބައިތައް ވެސް އޮންނާނެއެވެ. އެގޮތުން ސެންޓްރަލް ޕާކު ސަރަހައްދުގައި އެކި ސްޓޯލްތައް ހަދާފައި ހުންނަ އިރު އެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިންގ އާއި، ހީނާ އާޓް އަދި މި ނޫން ވެސް ކުޑަކުދިންނާ ގުޅުންހުރި އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އެ ސަރަހައްދުގައި ދީނީ އިލްމު އުނގެނިފައިވާ ޝައިހުން ހަރަކާތްތެރިވާއިރު، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ މެދު ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރަށް މި ހަރަކާތުގެ ތެރޭގައި ދީނީ އެކި ފޮތް އަދި ލީފްލެޓާއި، މުސްހަފް ވެސް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައެވެ.

އަލް ހިޖުރަ އަދި އާބަންކޯ ގުޅިގެން ބާއްވާ މި ހަރަކާތުގެ އިތުރަށް ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ބާއްވާ އައުޓްރީޗް ހަރަކާތެއް ވެސް ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.