ގއ. ކޫއްޑޫގައި ހަދާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އާއި އެއާއި ގުޅޭ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ކޫއްޑޫގައި ތަރައްޤީ ކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކީ ސައުދީ ފަންޑް ފޯ ޑެވެލޮޕްމެންޓްއިން އެހީ ލިބިގެން ތަރައްޤީ ކުރާ ފެސިލިޓީއެކެވެ. މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ފިނިކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އަހަމީއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
ކޫއްޑޫގައި މިވަގުތު ޤާއިމް ކުރެވިފައިވަނީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ނަމަވެސް މިމަޝްރޫޢު ނިމޭއިރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ކޫއްޑޫގައި ޤާއިމް ކުރެވި ކޫއްޑޫގެ 6000 ޓަނަށް ބަދަލުވެގެން ދާނެއެވެ. މިއީ މިހާރު މިފްކޯއަށް މަސްކިރުވުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކޫއްޑޫ މަޝްރުޢޫގެ އިތުރަށް މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ތަރައްޤީ ކުރުމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ކ. ކަނޑުއޮށްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރެޖް ފެސިލީޓީއެއް ޤާއިމް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިމަޝްރޫޢު ތަކަކީވެސް ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު ތަކެވެ.
މިމަޝްރޫޢުތަކަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ ޖޫންމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުޅުވުން 12 ޖޫން ވާ ދުވަހު 11:00 ގައި އޮންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ދާދި ފަހުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، ސަރުކާރުން މިހާރު މަސްވެރިކަމުގެ ތަރައްޤީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢުއެއް ނިމޭއިރު 14،000 މެޓްރިކް ޓަން ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އުފުލިގެން ދާނެ ކަމަށެވެ. މިއާއެކު މިހާރު މަސް ނުކިރި ދިމާވާ މައްސަލައަށް ހައްލެއް ލިބި މަސްވެރިންގެ މަހަށް ހަމަ އަގު ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.