Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

އާންމުންގެ ސަލާމަތަށް އިހުމާލުވާނަމަ ފްލެޓު އަތުލާނެ

ސިނގިރޭޓި ފިލްޓާރ އުކާ ފަރާތްތަކުގެ އަތުން ފްލެޓު އަތުލާނެ ކަމުގެ އިންޒާރު އާބަންކޯ ކުންފުނިން ދީފިއެވެ.

ހިޔާ ފްލެޓުތަކުގެ ތެރެއިން 7 ވަނަ ޓަވަރުގެ ފެލެޓެއްގެ ބެލްކަނީގައި މިރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިއީ ރަމަޟާން މަހު ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރީން މިފަދަ ހާދިސާއެއް ހިނގާފައިވަނީ 5 ޓަވަރުގައެވެ. މި ދެހާދިސާވެސް ހިނގަން މެދުވެރިވީ ނިވާނުލެވި އެއްލާލި ސިނގިރޭޓި ފިލްޓަރަކުން ކަމަށް އާބަންކޯއިން ހިންގި ތަހުޤީގަށް ޔަޤީން ކުރެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މިހާދިސާއި ގުޅިގެން އެކުންފުނިން ވަނީ މިފަދަ ޢަމަލުތަކަކީ އެކުންފުނިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ޢަމަލުތަކެއް ނޫން ކަމަށް ބުނެފައެވެ. މިގޮތުން ޓަވަރުތަކުގައި ސިނގިރޭޓި ބުއިމާއި އަލިފާން ރޯކޮށް ވޭޕް ކުރުމަކީ ފްލެޓްތައް ހަވާލުކުރިއިރު ފްލެޓް ވެރިންނާއި ވެފައިވާ އެއްބަސްވުމުގައި ވެސް ހިލާފް ކަމެއް ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފްލެޓް ބޭލްކަނިއާއި ކޮރިޑޯގައި އާންމުނަށް އުނދަގޫވާގޮތަށް ވޭޕް ކުރުމާއި، ސިނގިރޭޓި ބުއިން އަދި އަޅިކެނޑުމަކީ އެކުންފުންޏާއި އެކު ވެފައިވާ އެއްބައްސްވުމާއި ކަނޑައެޅިގެން ޚިލާފު ކަންތައްކަން އާބަންކޯއިން ހަނދާންކޮށްދެއެވެ.

މިފަދަ އަމަލުތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅާނެ ކަމަށް އާބަންކޯއިން ވަނީ އިންޒާރު ދީފައެވެ. އެގޮތުން 1000ރ. އިން ފެށިން 100،000ރ. އާއި ހަމައަށް ކުއް ތަކުރާރު ކުރާ މިންވަރާއި ކުށުގެ ބާވަތައް ބަލައި ޖޫރިމަނާ ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެފަދަ ފަރާތްތަކުގެ އަތުން ފްލެޓް އަތުލުމުގެ ބާރުވެސް އެކުންފުންޏަށް އޮތް ކަން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ހާލަތެއްގައި އެކުންފުނިން އަބަދުވެސް އިސްކުރާނި އެކެއްގެ މަސްލަހަތައްވުރެ، ފްލެޓްގައި ދިރިއުޅޭ އެެންމެންގެ މަސްލަހަތާއި ރައްކާތެރިކަމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.